މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޓަގް ބޯޓަކާއި ލޯންޗެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ، އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު، މިއަދު ހެނދުނު 10:39 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައި.ޖީ.އެމްއެޗްއަށް ގެންގޮސް މިހާރު ފަރުވާ ދެމުންގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިންނެވެ. މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެސް ވެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




