ފިޠުރު އީދުގެ މުނާސަބަތުގައި މާލޭ ސަރަޙައްދުގައި އިއްޔެ ފެށި ”އީދު ހަވީރު 1447“ އަށް މިއަދުވެސް ހޫނު ތަރުހީބެއް ލިބިއްޖެއެވެ.
މިއީ އީދު ހަވީރު ކުރިއަށްގެންދިޔަ ދެވަނަ ދުވަހެވެ. މި ހަވީރު މާދަމާވެސް ކުރިއަށްގެންދާނެއެވެ.
މި ހަރަކާތަކީ އެމްއެންޑީއެފްއިން އިސްނަގައިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުޢައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ފިޠުރު އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މިއަހަރުގެ މި ހަވީރު މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ކުރިއަށްގެންދެއެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެވެސް އީދު ހަވީރު އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭ ގޮތަށެވެ. އެގޮތުން މި ހަވީރު އިންތިޒާމުކުރުމުގައި ބައިވެރިވި ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ބައެއް ސްޓޯލްތަކުން ރާއްޖޭގެ އިހުގެ ސަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ދައްކާލާފައިވެއެވެ. ޢީދު ހަވީރުގެ ތެރެއިން ސަލާމަތީ ބާރުތަކުންވެސް ޚާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު މިއަދުވެސް ވަނީ ހާވީރުގެ ބައިވެރިންނަށް ލިއްބާދީފައެވެ.




