މާލޭގެ ފުރަތަމަ މޭޔަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ސަރަނގު އާދަމް މަނިކު އެކަން އިއުލާން ކުރެއްވީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ، ގެދޮރު އެޅުމާއި މަގުތައް ފުޅާކުރާ ވާހަކަ ދައްކާއިރު މިހާތަނަށް އެއީ އެއްވެސް ސިޓީ ކައުންސިލަކަށް ވި ކަމެއް ނޫން ކަަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާ ގުޅިފައިވާ މޭޔަރު ހުންނަވައިގެން ނޫނީ ކަންކަން ނުކުރެވޭނެ ކަމަށެވެ.
”މިއީ ވަރަށް ކުޑަކުޑަ އާބާދީއެއް. އެކަކު އަނެކަކަށް އަވަގުރާނަ ގޮވާގޮވާ ތިބޭނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މޫސާ އަލީ ޖަލީލަށޭ ފުރުސަތު އޮތީ. މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެ އަށް ދެވޭ ވޯޓެއް،“ އާދަމް މަނިކުގެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި، ގާބިލްކަމާއި ފައިސާ ވެސް އޮތީ ސަރުކާރުގަ އެވެ. އެހެންވެ، މާލެ އަށް ހާސިލް ވާނީ ސަރުކާރުން ކޮށްދިން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



