މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް އަސްކަރީ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ދެއްވައިފިއެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ގިނަ ބަޔަކު ކަންބޮޑުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޣައްސާން ވަނީ ރާއްޖެއަށް އެފަދަ ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދެއްވައިފައެވެ.
”ހަނގުރަމާއާ ގުޅިގެން ރާއްޖެއަށް މި ވަގުތު އަސްކަރީ އެއްވެސް ނުރައްކަލެއް ނެތް“ މިނިސްޓަރ ޣައްސާން ވިދާޅުވިއެވެ.
މިނިސްޓަރ ޣައްސާން ވިދާޅުވީ ހަނގުރާމަ ފެށި ދުވަހުން ފެށިގެން، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދާއި އެ ނޫން އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭ ގޮތަށް ނިންމި ނިންމުމާ އެއްގޮތަށް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.




