މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ހެދުމުގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ ތަކެތި މާދަމާ ހެނދުނު 6:00 ޖެހުމުގެ ކުރިން ނެގުމަށް އަންގާކަމަށާއި މި ތާރީޚުގެ ފަހުން މަގުގައި ބަހައްޓާފައިވާ ތަކެތި އެ މިނިސްޓްރީގެ ފަރާތުން ނަގާނެ ކަމަށް ވެސް އަންގާފައިވެއެވެ.
ޖުމްލަ 4 ސެގްމަންޓްގެ މަސައްކަތް އެއްފަރާ ކުރިއަށްގެންދިއުމަށް، މާލޭގެ އުތުރު ފަރާތުން ބޮޑު ސަރަހައްދެއް ބަންދުކުރެއެވެ. އެ ސަރަހައްދަކީ މާލޭގައި ފެރީތަކަށް ބޭނުންކުރާ މައި ސަރަހައްދަށް ވުމާއެކު، ގިނަ އަދަދަކަށް ސައިކަލުތައް ޕާކުކޮށްފައިވާ ސަރަހައްދެކެވެ. އަދި ފެރީތަކުން ދަތުރުކުރާ މީހުންގެ ބައެއް މުދާވެސް ބާލާ، ބަހައްޓާ ސަރަހައްދެކެވެ. އެހެންކަމުން މަގުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ބަންދުކުރުމުގެ ކުރިން އެފަދަ ތަކެތި ނެގުމަށް ވަނީ އަންގާފައެވެ. މި މަޝްރޫޢުގައި މިފަހަރު 700 މީޓަރުގެ ސަރަހައްދު ތަރައްޤީކުރެއެވެ.



