ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތް ބާތިލްކޮށްދޭން އެދި ދައުވާ ލިބޭ އެކަކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ދައުވާ އުފުލިތާ ވެސް ނުވަ އަހަރު ވެފައިވާއިރު، މިހާތަނަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނުނިމެއެވެ. އެ މައްސަލަ ދިގުލައިގެންދާތީ، އެތައް ހައްގުތަކަކުން މަހުރޫމްވަމުންދާ ކަމަށް ބުނެ ދައުވާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގދ. މަޑަވެލި، ގަމަރީ / އިއުތިސާމް މުހައްމަދު ސައީދެވެ.
ކްރިމިނަލް ކޯޓުން މައްސަލައިގައި 60 އަށް ވުރެ ގިނަ އަޑުއެހުން ތާވަލު ކުރިއިރު، ގިނަ އަޑުއެހުންތައް ކެންސަލްކުރަން ޖެހިފައިވަނީ ދިފާއީ ވަކީލުން ހާޒިރު ނުވާތީ އެވެ. ދައުލަތުން އެދިގެން ކެންސަލްކުރީ އެންމެ އަޑުއެހުމެކެވެ.
ޝަރީއަތް ލަސްވާ މައްސަލަ އޭނާ އެންމެ ފުރަތަމަ ހުށަހެޅީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ ކޯޓުން ނިންމީ ދައުވާ ބާތިލް ނުކުރުމަށެވެ. އެހެންވެ، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރި އެވެ. ހައި ކޯޓުން ވެސް ނިންމީ އިއުތިސާމްއާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓަށް އިއުތިސާމްގެ ފަރާތުން ހުށަހަޅާފައިވަނީ ހައި ކޯޓުގެ ނިންމުމުގެ އިސްތިއުނާފެވެ.



