މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ ހުއްޓާލަން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަށް އީރާނުން ދޮގުކޮށްފިއެވެ.
ޔަހޫދީ އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އެ ދެ ޤައުމު ތާށިވެފައިވާ ”ވަޅުގަނޑުން“ ސަލާމަތްވުމަށްޓަކައި ދޮގު ޚަބަރު ފަތުރައި ބާޒާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމުގައި އީރާނުން ވަނީ ތުހުމަތު ކޮށްފައެވެ.
މި މޭރުމުން އީރާނުން ބުނެފައި ވަނީ، އެ ޤައުމުގެ އިސްވާރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. އީރާނުން ބުނީ، އެއީ ޓްރަމްޕް ހެއްދެވި އިތުރުފުޅެއް ކަމުގައެވެ.
އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޣާލިބާފީ ވަނީ ޓްރަމްޕްގެ ދޮގުތަކާއި ޕްރޮޕެގެންޑާއަށް ރައްދު ދެއްވާފައެވެ.
”އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ،“ އޭނާ ވިދާޅުވިއެވެ.
އަދި، ޓްރަމްޕް މި ފަދަ އިތުރުފުޅުތައް ހައްދަވަމުން ގެންދަވަނީ ތެލުގެ ބާޒާރަށް ނުފޫޒު ފޯރުއްވުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިއީ، ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔަހޫދީ ދައުލަތް ވެއްޓިފައިވާ ”ވަޅުގަނޑުން“ ސަލާމަތްވުމަށް ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމުގައި ވެސް ޣާލިބާފީ ވިދާޅުވިއެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމަ މިހާރު މި ވަނީ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބާޤާޔީ ވިދާޅުވީ، ”ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އެދޭ އެދުމާ ގުޅޭގޮތުން ބައެއް އެކުވެރި ޤައުމުތަކުގެ ފަރާތުން މެސެޖުތައް ލިބިފައިވާ“ ކަމުގައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، މިޞްރު އަދި ތުރުކީވިލާތް ހިމެނެއެވެ.




