އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން ބޮޑުވެފައިވާ ވާއިރު ހަނގުރާމަ ހުއްޓާނުލައި ކުރިއަށްގެންދިއުމުގެ ވިސްނުން ދޫކޮށް މަޝްވަރާގެ މަގު އިހްތިޔާރު ކުރުމަށް ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް، ވަންގް ޔީ އީރާނަށް ގޮވާލައްވައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވަންގް ޔީ މިހެން ވިދާޅުވީ އީރާނުގެ އެދުމުގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކާގައި ކަމަށެވެ. މި ކޯލްގައި ވަންގް ޔީ ވަނީ ސުލްހައިގެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފެށުމަށް ހުރިހާ ފަރާތްތަކަކަށް ބާރުއަޅުއްވައިފަ އެވެ.
”ވާހަކަދެއްކުމަކީ ހަނގުރާމައަށްވުރެ، އަބަދުވެސް މާ ރަނގަޅު ގޮތެއް،“ ވަންގް ވިދާޅުވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އީރާނުން ބޭނުންވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް ނޫން ކަމަށާއި ދާއިމީ ގޮތެއްގައި ސުލްހަ ގާއިމުވާނެ ހައްލެއް ހޯދަން ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު މި ފޯންކޯލްގައި ވިދާޅުވި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
އީރާނުގެ އިސް ބޭފުޅަކާ އެމެރިކާގެ ސަރުކާރުން ވާހަކަދައްކަމުން އަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވިޔަސް އީރާނުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ ޓްރަމްޕް އެފަދަ ވާހަކަތައް ދައްކަވަނީ ”ތެލުގެ ބާޒާރު ކޮންޓްރޯލް ކުރަން“ ކަމަށެވެ.




