ނޭޕާލްގައި މިދިޔަ އަހަރު ހިނގި ޖެން-ޒީ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ މިއަދު ހައްޔަރުކޮށްފިއެވެ.
ކޭޕީ ޝަރުމާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އެ މުޒާހަރާތަކުގައި މީހުން މަރުވިޔަ ނުދީ ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަމުގެ ތުހުމަތުގައެވެ.
ނޭޕާލް ފުލުހުން ބުނި ގޮތުގައި، އޯލީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެ ބޭފުޅުން ހައްޔަރުކުރީ އެ ހަމަނުޖެހުންތައް ތަހުގީގުކުރި ކޮމިޝަނުން އެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ލަފާދިނުމާ ގުޅިގެންނެވެ. ފުލުހުންގެ ތަރުޖަމާނު އޯމް އަދިކާރީ ވިދާޅުވީ، ދެ ބޭފުޅުން ވެސް ހައްޔަރުކުރީ ތަހުގީގީ ކޮމިޝަނުގެ ހުށަހެޅުންތަކާ އެއްގޮތަށް ކަމަށެވެ.
ދެ ދުވަހަށް ދެމިގެންދިޔަ އެ ހަމަނުޖެހުންތަކުގައި ޖުމްލަ 76 މީހުން މަރުވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން އޭރު އޯލީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ތަހުގީގީ ކޮމިޝަނުން ނިންމާފައިވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް އޯލީ އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާތީ، އެކަމުގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށެވެ.
ނަމަވެސް، އޯލީގެ ވަކީލު ޓިކާރާމް ބަޓާރާއީ މި ހައްޔަރުކުރުން ސިފަކުރެއްވީ ގައިރު ގާނޫނީ އަދި ނުރަނގަޅު އަމަލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޯލީއަކީ ތަހުގީގަށް ފިލައިގެން ދާނެ ފަދަ ބޭފުޅެއް ނޫނެވެ.
މި ހައްޔަރުކުރުންތައް މި އައީ، މުޒާހަރާތަކުގައި މީހުން މަރުވި މައްސަލާގައި އާންމުންގެ މެދުގައި އުފެދުނު ނުރުހުމުގެ ތެރޭގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރެޕާ މިއުޒީޝަން ބަލެންދުރަ ޝާހް، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.



