އިމިގްރޭޝަން ރެއިޑްތަކެއްގައި ބަޔަކު މަރުވުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް އުފެދުނު އެމެރިކާގެ އުތުރުގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކުރާ ސިލްސިލާ މުޒާހަރާ ”ނޯ ކިންގްސް“ ހަރަކާތްތައް، ދެ ލައްކައެއްހާ މީހުންނާއެކު އިއްޔެ އަލުން ފަށައިފިއެވެ.
ޔޫއެސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން ޖެނުއަރީ މަހު ހިންގި ރެއިޑްތަކުގައި ފެޑަރަލް އެޖެންޓުންގެ އަތުން އެމެރިކާގެ ދެ މީހަކު ވަނީ މަރުވެފަ އެވެ. މި ހާދިސާއާ އެކު، ރައީސް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާ މައި މަރުކަޒަކަށް މި ސިޓީ ވަނީ ވެފަ އެވެ.
މިއީ ޓްރަމްޕްގެ ބާރުގަދަ ސިޔާސީ ލީޑަރޝިޕާއި ކަނާތު ފިޔައިގެ އެޖެންޑާއާ ދެކޮޅަށް މިދިޔަ އަހަރު ފެށި ”ނޯ ކިންގްސް“ ނުވަތަ ”ރަސްކަލެއް ބޭނުމެއް ނޫން“ ހަރަކާތުގެ ތިން ވަނަ ބޮޑު އެއްވުމެވެ. އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި މި ހަރަކާތުގައި ގާތްގަނޑަކަށް 200،000 މީހުން ބައިވެރިވިއެވެ.
އެމެރިކާގެ މަޝްހޫރު މިއުޒީޝަން ބްރޫސް ސްޕްރިންގްސްޓީން ވަނީ މިނިއާޕޮލިސްއާ އިންވެގެން އޮންނަ ސެއިންޓް ޕޯލްގައި ބޭއްވި އެއްވުމުގައި ބައިވެރިވެފަ އެވެ. މި އެއްވުމުގައި އޭނާ ވަނީ އައިސް އެޖެންޓުންގެ އަތުން މަރުވި ދެ މީހުންގެ ހަނދާނުގައި ލިޔެފައިވާ ”ސްޓްރީޓްސް އޮފް މިނިއާޕޮލިސް“ ލަވަ ކިޔައިފަ އެވެ.
މަރުވި ދެ މީހުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްޕްރިންގްސްޓީން ބުނީ، ”އެމީހުންގެ ހިތްވަރާއި، ގުރުބާނީ އަދި އެ މީހުންގެ ނަންތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ“ ކަމަށެވެ.




