ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
މި ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުން ފެށިގެންނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނިގޮތުގައި، އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ކޮންމެ ހަފުތާއަކު 5 ދަތުރު ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ޤަޠަރު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދޯހާއިން ދަތުރުކުރާ ފަސިންޖަރުންނަށް ޓްރާންސިޓް އޮޕްޝަންތައް ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް، މި ޚިދުމަތްތައް އަލުން ފެށުމާއެކު ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ޤަބޫލުކުރެއެވެ.
އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ފަސޭހައިން ދަތުރުކުރާ ދުވަސް ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ އެ އެއާލައިނުން ދަތުރުކުރާ ފަރާތްތައް، ފުރުމުގެ ކުރިން ފްލައިޓު އޮންނަ ގަޑި ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހާލަތްތަކުގައި ފްލައިޓް ޝެޑިއުލްއަށް ބަދަލުތައް އަތުވެދާނެކަމަށް ބަލައި، އެފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.



