ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.
މިކަމާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި އެޗްޑީސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެ ކަމަށެވެ.
އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު ހަމަކުރުމަށްޓަކައި، ކުރިއަށްއޮތް ދެއަހަރު ދުވަހު ވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް، މެއިންޓައިނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1,000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލީގެ ތާރީޚަށް ބަލާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފުރަތަމަ ހަމަޖެއްސެވީ މަހަކު 8,500 ރުފިޔާއެވެ. ނަމަވެސް، ރިޔާސީ އިންތިހާބާ ގާތްކޮށް އެ އަދަދު 5,300 ރުފިޔާއަށް ކުޑަކުރިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، މިހާރު ހިޔާ ފްލެޓުތަކުގެ ކުލި ވަނީ 3,984 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.
މީގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ހުރިހާ ޖޫރިމަނާތަކެއް ވެސް ސަރުކާރުން ވަނީ މިހާރު މާފުކޮށްދީފައެވެ.




