އިލެކްޝަންސް ކޮމިޝަން (އީސީ) އާ މެދު ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ފެތުރުމަށްފަހު، އެކަން ކުރެވުނީތީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު މައާފަށް އެދެފިއެވެ.
ސުޢޫދު މައާފަށް އެދުނީ އޭނާ ކުރިން ފެތުރި ވާހަކަތަކަކީ ބުހުތާނު ދޮގެއްކަން އަމިއްލައަށް ގަބޫލު ކުރުމަށް ފަހުއެވެ.
ސުޢޫދު އެކްސްގައި ކުރި ޕޯސްޓެއްގައި ތުހުމަތުކޮށްފައިވަނީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި، އީސީން ގަސްތުކުރަނީ ވޯޓްލާން އަންނަ މީހާ ކުރެން ވޯޓްލާން ބޭނުންވަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، ތިން އިންތިޚާބުގެ ތިން ވޯޓް ކަރުދާހުގެ ތެރެއިން އެ މީހަކު ބޭނުންވާ ކަރުދާސްކޮޅު އެކަނި ދިނުމަށެވެ.
އަދި އެއްފަހަރާ ތިން ކަރުދާސްކޮޅު ދޭން ކޮމިޝަނުން ބޭނުންނުވާ ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.
ނަމަވެސް، އޭގެ ފަހުން ކުރި ޕޯސްޓެއްގައި ސުޢޫދު ވަނީ އޭނާ ފެތުރީ ބުހުތާނު ދޮގެއް ކަމަށް އަމިއްލައަށް އެއްބަސްވެފައެވެ. ސުޢޫދު ބުނީ، އޭނާ ފެތުރީ ދޮގެއްކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ސާފުކޮށްދީފައިވާ ކަމަށާއި، އެހެންކަމުން އެކަމަށް މައާފަށް އެދޭ ކަމަށެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު، މިފަދަ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ފެތުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އާންމުން ބުނަމުންދަނީ ރާއްޖޭގައި ވޯޓްލުމުގެ ކަންކަން ހިނގާގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭއިރު، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މިފަދަ ދޮގު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ބައެއް ފަރާތްތަކުން ވަނީ ސުޢޫދާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ.




