މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 10 ކްލާސްރޫމް ހިމެނޭ އައު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ތައުލީމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި 10 ކްލާސްރޫމްގެ އިތުރުން، ލައިބްރަރީއަކާއި، އޭވީ ރޫމަކާއި، އަދި ހެލްތު ރޫމެއް ވެސް ހިމެނޭނެއެވެ.
މި މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 18.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
މުލީ އަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވެފައި، އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ދަރިވަރުން އެ ރަށަށް ތަޢުލީމު ހާސިލުކުރުމަށް އާދެއެވެ. މިހާރުވެސް 240 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ މ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި އައު އިމާރާތުގެ ސަބަބުން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މުލީގެ އާބާދީގައި މިހާރު 1020 މީހުން ދިރިއުޅެއެވެ.



