ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ދިވެހި ސަރުކާރުން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
މި ނިންމުމާއެކު މިއަހަރާއި އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ބިހާއި، ފިޔާ، އަލުވި، މުގު، ހަނޑޫ، ހަކުރު، ފުށް އަދި ހިލަ އާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރި ފަހުން، އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކުރެއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި މުއްދަތު އިތުރުކޮށްދީފައިވަނީ އެ ގައުމުގެ ”ނެއިބަހުޑް ފަސްޓް ޕޮލިސީ” ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު މި ބާވަތްތަކަށް އެދި ހުށަހެޅުމުން އިންޑިއާއިން ކުރިން ހުއްދަ ދީފައި އޮތީ ތިން އަހަރުގެ މުއްދަތަށެވެ. އެ ހުއްދަ 2024 ވަނަ އަހަރުގެ މާޗް މަހަށް ހަމަވުމާ ގުޅިގެން، އޭރު އެއް އަހަރުގެ މުއްދަތަށް ހުއްދަ އިތުރުކޮށްދިނުމަށްފަހު، މިހާރު މިވަނީ އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދީފައެވެ.
އިންޑިއާއިން ބައެއް ބާވަތްތައް އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތްތަކުގައި ވެސް، މި ހާއްސަ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި އަސާސީ މުދާ ލިބޭނެ މަގު ވަނީ ފަހިވެފައެވެ.




