އެކި ދުވަސް މަތިން ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ހޮސްޕިޓަލުން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކޮށްފައި ވަނީ މއ. ވިނަރެސް / ހުސެއިން ޝިހާމް (40އ.) އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ޝިހާމް ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ހޮސްޕިޓަލުން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



