މާފަންނު މުރަނގަ މަގުގައި ހުރި ”ކްރާސާ“ ފިހާރަ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި، ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހުގެ ރޭ 9:28 ހާއިރު އެ ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެތަނުގައި ހުރި މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) އަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި މައްސަލައެވެ.
ނައުއްޓެ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީ 2023 ގައެވެ. އެއިރު އޭނާގެ އުމުރުން 30 އަހަރެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ / އިބްރާހީމް ފައިހް ނިޒާމު އަދި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ / ސިރުހާން އަލީގެ މައްޗަށެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ މި ދައުވާ މިއަދު، ކްރިމިނަލް ކޯޓުން ނިންމީ ސާބިތުނުވާ ކަމަށެވެ.
މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް، ކްރިމިނަލް ކޯޓުން އަދި އާއްމުކޮށްފައި ނުވާތީ މައްސަލައިގެ ނިންމުމަށް ވާސިލްވީ ސަބަބުތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެކަމަކު، މައްސަލަ ފެށުނު އިރުގެ ރިޕޯޓްތައް ބުނާ ގޮތުން ދައުވާ ލިބުނު ދެ މީހުން ވެސްވަނީ ކުށަށް އިންކާރުކޮށްފައެވެ.
މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރީ ފައިހް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.




