އިދިކޮޅުން ނުވާނެކަމަށް ބުނިކަންތައް ރައްޔިތުންގެ ރައީސް (ޑރ. މުޙައްމަދު މުޢިއްޒު) މިވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ކޮށްދެއްވައިފަކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން މިއަދު އަނބުރާ ދެއްކުމާ ގުޅިގެންނެވެ.
ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ މިއަދަދު އަނބުރާ ދައްކާފައިމިވަނީ، އެ ފައިސާ ނުދެއްކޭނެކަމަށް އިދިކޮޅު އެމްޑީޕީން އަޑުހަރުކޮށް އެތައް މަންސައެއްގައި ބުނަމުން ދަނިކޮށެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ދެއްކި ސްކޫކުގެ ތެރޭގައި ސްކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ރޭޓުގެ ގޮތުގައި ދައްކަން ޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށެވެ.
ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެކަން ފިނޭންސުން ވަނީ ފާހަގަ ކޮށްފައެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ނަގާފައިވާ ދަރަންޏެއްކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މިރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު މާލީ ނުރައްކަލުން ޤައުމު ސަލާމަތްކޮށްދެއްވައި، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއްލާނެ ފުރުސަތު، މާތް اللهގެ ވާގިފުޅާއިއެކު، ރައީސް މުޢިއްޒު މިވަނީ ހޯއްދަވައި ދެއްވާފަ ކަަމަށެވެ.
”ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އެވަނީ އަނބުރާ ހޯއްދަވައިދެއްވާފައި. އަދި މިކަމުގެ ސަބަބުން އިހުނަށްވުރެން އިތުބާރު އިތުރުވެގެންވެސް ހިނގައްޖެކަން ޔަގީން. ނިމިދިޔަ ސަރުކާރުން ރެކޯޑް އަދަދަކަށް ޤައުމު ދަރުވާލިއިރު، އަދި ވަކީން ޚާއްސަކޮށް 2021ގައި ނެގި ރެކޯޑް ދަރަނީގެ ސުކޫކަކީ 2026އަށް ބްލެޓް ޕޭމަންޓެއް ގޮތަށް ދައްކަންޖެހޭއިރު، އެ ކަންބޮޑުވުން ވެގެން ދިޔައީ ރާއްޖޭގެ ތާރީޚުގައި ރާއްޖެ ބައްދަލުކުރި މާލީ އެންމެ ބޮޑު އިމްތިޙާނު ކަމުގައި“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކެތްތެރިކަން އިސްކުރައްވައި ބަސްމަދު ކުރައްވައި، އައިހުރިހާ ގޮންޖެހުންތަކެއް اللهގެ ވާގިފުޅާއެކު ގިރާކުރައްވައި، ސުކޫކް ދެއްކިދާނެތޯ ނުވަތަނޫންތޯ އޮތް ހާސްކަމުން، އަދުގެ ރައީސް މުޢިއްޒު އެވަނީ ޤައުމު ސަލާމަތް ކުރައްވާފަ ކަމަށެވެ.




