މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރިފެރަމްޑަމް ވޯޓުލުން ބައެއް މަރުކަޒުތަކުގައި މިހާރު ފަަށައިފިއެވެ.
ވޯޓު ލުމަށް ތައްޔާރުވެ އިީސީގެ އޮފިޝަލުން މަރުކަޒުތަކުގައި ހަރަކާތްތެރި ވަމުން އަންނަ އިރު، ވޯޓު ލާން ގިނަ ބަޔަކު ވަނީ ކިޔު ހަދާފައެވެ.
ފުލުހުންނާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނެ ކަމަށެވެ.
މި ތިން ކަރުދާހުގެ ތެރެއިން އެ މީހަކު ބޭނުންވާ އިންތިހާބެއްގައި އެކަނި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ. އަދި ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ނަމަ، އެކަން ވޯޓުލާ މަރުކަޒުގައި ތިބި އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތަށް އަމަލު ކުރަނީ ވޯޓުލުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ފަހުން ދިމާވެދާނެ މައްސަލައަކަށް މަގުފަހިނުކުރުމުގެ ގޮތުން ކަމަށް ޒާހިދު ވިދާޅުވިއެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.



