ދިވެހި ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ވޯޓުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ، ގާނޫނީ އެ ހައްގު އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
”ގާނޫނީ ހައްގު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އަޅުގަނޑު ދަންނަވަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.



