ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބްރިޓިޝް އެއާވޭސްއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދަތުރު އަލުން ފަށަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައިވަނީ ސައުދީއާއި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ދެގައުމުން ގުޅިގެން ސައުދީގެ ރިޔާޒުގައި މިހާރު ކުރިޔަށްގެންދާ ”ގްރޭޓް ފިއުޗަރ އެކްސްޕޯ“ ގެ ތެރެއިންނެވެ.
ބްރިޓިޝް އެއާާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު ޗޮލްމް ލޭސީ ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ދެގައުމުގެ ރައްޔިތުންނާއި އާއިލާތަކާއި ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިވެފައިވާކަމަށެވެ. އަދި ބްރިޓިޝް އެއާވޭސްއިން މިއަހަރު އަލުން ދަތުރުފެށުމާއެކު މި ގުޅުންތައް އިތުރަށް ބަދަހިވެ ދެގައުމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.
އޭނާ ވިދާޅުވީ ދަތުރުތައް ފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށާއި، މދަަތުުރުތަކުގެ ޓިކެޓް މިއަހަރުގެ ނޮވެންބަރުމަހުގެ 4 ވަނަ ދުވަހު ވިއްކަން ފަށާނެ ކަމަށެވެ. ދަތުރުތައް ޝެޑިއުލްކުރާނީ ލަންޑަން ހީތްރޯއިން ޖިއްދާއަށް ދުވާލަކު ހަތަރު ފްލައިޓްކަމަށްވެސް އޭނާ ބުންޏެވެ. އަދި މިހާރުވެސް ރިޔާޒަށް ދުވާލަކު އެއްފަހަރު ބާއްވަމުން އަންނަ ފްލައިޓް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލަށް މިފަށާ ރޫޓުގެ ދަތުރުތަކުގެ ސަބަބުން ދެގައުމު ވައިގެ މަގުން ރަނގަޅަށް ގުޅާލެވި އޭގެ މަންފާ ދެގައުމަށްްވެސް ކުރާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ޖިއްދާ އެއާޕޯޓްގެ ސީއީއޯ މާޒިން ޖޯހަރް ވިދާޅުވީ ލަންޑަނާއި ޖިއްދާއާއި ދެމެދު ދަތުރުތައް ފެށުމުން، އިނގިރޭސި ވިލާތާއި، ޔޫރަޕްގެ އެހެންގައުމުތަކާއި، އުތުރު އެމެރިކާގެ ގައުމުތަކާއެކު ސައުދީ ވައިގެ މަގުން ގުޅާލެވިގެންދާނެކަމަށާއި، މީގެ ސަބަބުން އެގައުމުގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.




