އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ކަމަށް އަޑު ފެތުރިފައިވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) މަޤާމުން ވަކިކޮށްފިއެވެ.
އިބުރޭ މަގާމުން ވަކިކުރިކަން އަންގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާ އެ މަގާމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ. އަދި އެ މަގާމުން މީހަކު ވަކިކުރުމުގައި ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިނުވާތީ، އެ ނިންމުން ނިންމެވީ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ނަމަވެސް، އިބުރޭގެ އިތުރުން މިއަދު ހެނދުނު ވަކި ކުރި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ވެސް މަގާމުން ވަކިކުރި ސީދާ ސަބަބެއް އެ ސިޓީތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، ނިމިދިޔަ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމި މައްސަލައިގައި ޕާޓީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އިންތިޚާބުގެ ކެމްޕެއިނަށް ރާއްޖެ ވަޑައިގެން އުޅުއްވާ ނަޝީދު ވަނީ، އެމަނިކުފާނަށް ފުރުސަތު ނުދިނުމުން އެކަމާ ހިތްދަތިވާކަން ހާމަކުރައްވައި ’އެކްސް‘ ގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. ޕާޓީގެ އިސް މަގާމުތަކުން ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަކިކުރަން މި ފެށީ މި ހަމަނުޖެހުންތައް އާންމުންނަށް ތިލަވެ، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.




