މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ވަނީ ބައިވެރިވެފައެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ދުރާލައި ތައްޔާރުވުމެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކޮށްފައެވެ.



