މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތައް ފިޔަވައި ރަށްރަށުގެ ކައުންސިލް ރައީސް ގޮނޑިއަށް ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އިންތިހާބުގައި 16 އަތޮޅަކުން ޕީއެންސީއަށް އެންމެ ގިނަ ވޯޓު ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފިއެވެ.
ކައުންސިލް ރައީސްގެ ގޮނޑި ހޮވުމަށް ނެގި ވޯޓުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ކުރި ލިބެނީ އެންމެ ތިން އަތޮޅުންނެވެ. އެއީ ހއ. އަތޮޅުންނާއި ނ. އަތޮޅުންނާއި މ. އަތޮޅުންނެވެ. މ. އަތޮޅަކީ މީގެކުރިން ޕީއެންސީއަށް ވަރަށް ބޮޑު ތާއީދެއް އޮތް އަތޮޅެކެވެ.
އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހއ. އަތޮޅުން އެމްޑީޕީއަށް 5،032 ވޯޓު ލިބުނުއިރު، ޕީއެންސީއަށް ލިބުނީ 4،975 ވޯޓެވެ. ނ. އަތޮޅުން އެމްޑީޕީއަށް 3،830 ވޯޓު ލިބުނުއިރު، ޕީއެންސީއަށް ލިބުނީ 3،809 ވޯޓެވެ. މ. އަތޮޅުން އެމްޑީޕީ އަށް 2،160 ވޯޓު ލިބުނުއިރު، ޕީއެންސީއަށް ލިބުނީ 1،863 ވޯޓެވެ.
ކައުންސިލް ރައީސް ގޮނޑިއަށް ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އިންތިހާބުގައި ދެން ހުރި އަތޮޅުތަކުން ކުރި ލިބެނީ ޕީއެންސީއަށެވެ. ޕީއެންސީން ވަނީ އިންތިހާބަކާ ނުލައި، ބައެއް ރަށްތަކުގެ ކައުންސިލް ރައީސުންގެ ގޮނޑިތައް ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ބާރަށް، އދ. މަންދޫ، އދ. ދިއްދޫ ފަދަ ރަށްތައް ހިމެނެއެވެ. ”ވަގުތު“ން އެ ރަަށް ރަށުގެ ވޯޓުތައް ގުނީ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ނުވަތަ އާންމު މެމްބަރުގެ ގޮނޑިން ލިބުނު ވޯޓަށް ބަލައިފައެވެ.




