އިދިކޮޅު އެމްޑީޕީގެ ލީޑަރުން ސުލްހަވުމުން، ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުން އަބްދުލްގަފޫރު މޫސާ ވަކިކުރުމުގެ މައްސަލަ އަނބުރާ ގެނެސް، ވަކިކުރި އެ ޕާޓީގެ އިސް ދެ ބޭފުޅުންގެ މަގާމު އިއާދަ ކުރަން އެއްބަސްވެފައިވާކަން އެނގިއްޖެއެވެ.
ނިމިގެން ދިޔަ އިންތިހާބުގެ ނަތީޖާއަށް ފަހު، އެމްޑީޕީގެ ފެކްޝަންތަކުގެ މެދުގައި އޮތް ކޯޅުން ބޮޑުވެ، ގަޕޯ ވަނީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކޮށްފައެވެ.
ނަމަވެސް ޕާޓީގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، މިހާރު ވަނީ ހިޔާލު ތަފާތުވުންތަކަށް މިވަގުތަށް ހައްލެއް ގެނެސްފަ އެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވާފަ އެވެ.
ނަމަވެސް މަޝްވަރާތަކުން މިހާރު މައްސަލަ ހައްލުވެފައިވާތީ ގަޕޯ މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
އޭގެ އިތުރުން މަގާމުން ވަކިކުރި އިބުރޭ އާއި މައުރޫފްގެ މަގާމު އިއާދަ ކުރަން މިހާރު ނިންމާފައިވާކަން ވެސް އެނގިފައިވެއެވެ.



