މިިދިޔަ އަހަރު، ނޭވާލާ ނިޒާމްގެ އެކި ބަލިތައް ޖެހިގެން 370،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތައްކަން ފާހަގަ ކުރެވެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2025ވަނަ އަހަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރެއިން ޑެންގޫގެ 2611 ކޭސްއަކާއި ޗިކުންގުންޔާގެ 5 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނޭވާލާ ނިޒާމްގެ ބަލިތަކެވެ. އޭގެ 370593 ކޭސް ރިޕޯޓްކޮށްފައިވާއިރު އެންމެ ގިނައީ އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރި ކޭސްތަކެވެ. މިދިޔަ އަހަރު އަރިދަފުސް ރޯގާ ޖެހިގެން 369232 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި އިންފުލުއެންޒާގެ 1178 ކޭސްއާއި ކޮވިޑްގެ 183 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އާންމުކޮށް ރިޕޯޓްކުރާ އެހެނިހެން ބަލިތަކަށް ބަލާއިރު މިދިޔަ އަހަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 21986 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފާނަ ބަސަންދުގެ 2537 ކޭސް ރިޕޯޓްކޮށްފައިވާއިރު ލޮލު ރޯގާގެ 52148 ކޭސް އަދި ހޭންޑް ފުޓް އެންޑް މައުތުގެ 188 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިއްމުކަމެކެވެ. އެގޮތުން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ވެކްސިންޖަހާ 2 މަރުކަޒެއް އިތުރުކޮށްފައިވާއިރު ޤައުމީ ވެކްސިން ތާވަލަށް 2 ވެކްސިންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. 2025 ވަނަ އަހަރުވެސް ވަނީ ވެކްސިން ކޯލްޑް ޗެއިނަށް ބޭނުންވާ ސާމާނު މުޅިރައްޖެއަށް ފޮނުވުމުގެ މަސައްކަތްވެސް ކޮށްފައެވެ.
އެގޮތުން 134 ރެފްރިޖަރޭޓަރ އަދި ފްރީޒަރ ފޮނުވާފައިވެއެވެ. 210 ވޯލްޓޭޖް ސްޓަބްލައިޒަރއާއި 120 ފްރީޒް ޕްރީ ކެރިއަރ އަދި އައިސް ބޮކްސްއާއި 1167 ފިނިހޫނުމިން ބަލާ ޑިވައިސްތައް މިދިޔަ އަހަރު ވަނީ ފޮނުވާފައެވެ.



