ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ކޮންސްޓްރަކްޝަން މިނިސްޓްރީން އިތުރުކޮށްފިއެވެ.
މިނިސްޓްރީން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ.
މި ފުރުޞަތު މިއަދަށް ހަމަވި ނަމަވެސް، އެ މިނިސްޓްރީން މިހާރު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައެވެ.
މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ ”ހިޔާވަހި ޕޯޓަލް“ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ތ. ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވެއެވެ. އަދި ބ. ތުޅާދޫގެ 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 347 އެޕްލިކޭޝަން ލިބިފައިވެއެވެ.
ތުޅާދޫގެ ހައުސިން ޔުނިޓްތަކަކީ މީގެ ކުރިން ދޫކުރުމުގެ މަސައްކަތް ފަށައި، އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫޢުއެކެވެ. ކުރީގެ ސަރުކާރުގައި މި ޔުނިޓްތައް ހަވާލުކުރުމުގެ ޒިންމާ ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެކުލަވާލި އުސޫލުތަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅި، އެ މަސައްކަތް ވަނީ ގާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެއްގައި ވަނީ ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ ގާނޫނާ ހިލާފު ބަދަލުތަކެއް ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލަތައް ބޮޑުވުމާ ގުޅިގެން، ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މުޅި މަސައްކަތާއި ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ އަލުން ހަވާލުވެފައެވެ. މިނިސްޓްރީން ދެން މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލުގެ ދަށުންނެވެ.
ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫޢެކެވެ. މިހާރު މި ހައުސިންގ ޔުނިޓުތަކުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ނިމިފައިވާއިރު، ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އެގޮތުން، މި ޔުނިޓްތަކަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.




