މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް، 2026 އޭޕްރީލް 08 ވަނަ ދުވަހުގެ ރޭ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި، ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



