އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 92 އަހަރުގެ އާޝާ ބޯސްލޭ އެޑްމިޓު ކޮށްފައިވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ، އާޝާ ބޯސްލޭ ހޮސްޕިޓަލަށް ގެންދިޔައީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް އޭނާގެ މާމަ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ ޒަނާއީ ބޯސްލޭ ވަނީ އެ ޚަބަރުތައް ދޮގުކޮށް ”އެކްސް“ ގައި ޕޯސްޓެއް ކޮށްފައެވެ.

ޒަނާއީ ބުނީ އިއްޔެގެ ވަގުތެއްގައި އާޝާ ބޯސްލޭ، ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އެނބުރުން އަރާގޮތްވެ އުނދަގޫތަކެއްވާން ފެށުމުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށުމުން، އާޝާ ބޯސްލޭގެ ހާލު ދެރަވީ މޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށް ޒަނާއީ ބުނެފައިވެއެވެ.
މީގެއިތުރުން، އާޝާ ބޯސްލޭއަށް ބޭނުންވާ ސިއްހީ ފަރުވާ ހޮސްޕިޓަލުގެ ޑޮކްޓަރުން ދެމުން އަންނަ ކަމަށާއި މިވަގުތު އެ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ޒަނާއީ ވަނީ އިންޑިއާގެ ނޫސްވެރިންގާތު އެދިފައެވެ.
އަދި އޭނާގެ މާމަ، އާޝާ ބޯސްލޭގެ ހާލު ރަނގަޅުވުމަށް ހުރިހާ އެންމެންގެ ހެޔޮ ދުއާތައް ބޭނުންވާ ކަމަށާއި މިހާތަނަށް އެ އާއިލާއަށް ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށް ޒަނާއީގެ ޕޯސްޓުގައި ބުނެފައިވެއެވެ.



