މި އަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ %30 އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ދެ ބާވަތެއްގެ ޓެކްސް ނުވަތަ ފީއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ރިޕޯޓުން ދައްކާގޮތުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއީ %30 އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 435 މިލިޔަން ރުފިޔާއެވެ. މިއީ %29.4 އިތުރުވުމެކެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 573 މިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 437 މިލިޔަން ރުފިޔާއެވެ. މިއީ %31.2 އިތުރުއަދަދެކެވެ.
ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މެއި 2017 އިން ފެށިގެންނެވެ.




