ސްޓޭޓްފާމަރ ޕޯޓަލްއަކީ އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ރައްޔިތަކަށްވެސް ބޭނުންކުރެވޭނެ ޑިޖިޓަލް ނިޒާމެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝާހް މިފަދައިން ވިދާޅުވީ އެމްއެމްޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޝާހު ވިދާޅުވީ މި ޕްލެޓްފޯމް މެދުވެރިކޮށް ބޭސް ސިޓީ އަޕްލޯޑްކުރުމާއި، ބޭހަށް އޯޑަރު ދިނުމުގެ އިތުރުން، އޯޑަރު ޑެލިވަރީގެ ކަންކަން އެއް ތަނަކުން ބަލައިލެވޭނެ ކަަމަށެެވެ.
ބަލި މީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ސްޓޭޓްފާމަރ އިން މީގެކުރިން ވަނީ 24 ގަޑިއިރު ދިގުމަތްދޭ ހޮޓްލައިން ނަންބަރެއް ކަމަށްވާ 1505 ތައާރަފްކޮށްފައެވެ. މި ހޮޓްލައިންގެ މައިގަނޑު މަޤްސަދަކީ، މުހިއްމު ބޭސްތައް ހޯދުމުގައި އާންމުންނަށް ބޭނުންވާ އަވަސްއެހީ ފޯރުކޮށްދިނުން ކަމަށް ޝާހު ވިދާޅުވިއެެވެ. އަދި ސްޓޭޓްފާމަރ އިން ތަޢާރަފްކޮށްފައިވާ މި ދެ ހިދުމަތުންވެސް ރައްޔިތުންނަށް ބޭހާ ގުޅުންހުރި ގިނަ ކަންތައްތަކުގައި ލުއި ފަސޭހަކަން ލިބިގެންދާނެކަން ޝާހު ފާހަގަކުރެއްވިއެވެ.
”މި ދެ ހިދުމަތުގެ ބޭނުމަކީވެސް މުޅި ރާއްޖޭގައި ބޭސް ލިބުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ލުއި ފަސޭހަކާމާއެކު އާންމުންނަށް ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަަމަޖެއްސުން“ ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް އަބްދުﷲ ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް ލިބުމުގެ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހު ފާހަގަކުރެއްވީ، މި މައްސަލައަކީ ވަގުތީ ހައްލެއް ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކޮށް، ދެެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެކަން ކަށަވަރު ކުރުންކަމަށް ޝާހު ވިދާޅުވި އެވެ. ހަމައެއާއެކު އެކުންފުނިން ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ޒަމާނީ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.



