ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް، މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުހަތު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ ދެންމެ މިފްކޯގެ އިސްވެރިންނާއެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.
ފަރުހަތު މިއަދު އިސްތިއުފާ ދެއްވައިފިކަން މިފްކޯގެ އިސްވެރިއަކު ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް ”ސައުވީސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ފަރުހަތު ޝަހީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.
މިފްކޯގެ ސީއީއޯކަމުގެ މަގާމަށް ފަރުހަތު އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 5 ވަނަ ދުވަހުގައެވެ.
ފަރުހަތު މީގެ ކުރިން ވަނީ ސިފައިންގޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭނާވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.




