ފ. ފީއަލީގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލަން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ހިނގައްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ އެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލައި، އެކަމަށް އަވަސް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް ދީފައެއް ނުވެއެވެ.
ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި، ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އެހެން ބައެއް އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. އަދި އެ ރަށުގެ ބަނދަރުގައި ހަދާފައިވާ އައިސް ޕްލާންޓުގައި ވެސް ރޯވެ، އެއްކޮށް ވަނީ އަނދާފައެވެ.
ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި އެ ހާދިސާގެ ގެއްލުން 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ. އަދި ގެއްލުން ލިބުނު ތިން ދޯނި ވެސް އޮތީ އިންޝުއާނުކޮށް ކަމަށް އެނގިފައިވެއެވެ.




