ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަންވުމުގެ ފުރުޞަތު މާދަމާ ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި ފުރުސަތު ހުޅުވާލަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގެ ވޯޓުލުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދާއިރާތަކުގައި ދެވަނަ ބުރު ބާއްވަނީ އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑީގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ވިދާޅުވީ، ވޯޓުލާތަން ބަދަލުވާ ފަރާތްތަކަށް އެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
”ރީ-ރަޖިސްޓްރޭޝަނަށް އަޅުގަނޑުމެން ހުޅުވާލާނީ 13 އޭޕްރިލްގައި. އެހެން ތަނަކަށް ރެޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެ“ އަޒީފާ ވިދާޅުވިއެވެ.
އަޒީފާ އިތުރަށް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީ މީހުން ރަޖިސްޓްރީވެފައި އޮންނާނީ ކުރިންވެސް ވޯޓުލީ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް އަލަށް ވޯޓުލުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީ އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށެއްގައެވެ.
18 އޭޕްރިލްއާ ހަމައަށް އުމުރުން 18 އަހަރު ފުރިގެން އަލަށް ވޯޓުލުމުގެ ހައްގު ލިބޭ 7 މީހަކު މި 5 ދާއިރާއިން ލިސްޓަށް އިތުރުވެފައިވާ ކަމަށްވެސް ކޮމިޝަނުން ފާހަގަކުރިއެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އަލަށް އުމުރުން 18 އަހަރު ފުރުނު މީހުންނަށްވެސް މި ބުރުގައި ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލާ މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ.



