މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ރާއްޖެއިން ސުކޫކް ދެއްކުމުން އިޤްތިޞާދަށް ލިބޭނެ ކަމަށް ބެލެވުނު ފުރިހަމަ ފައިދާތައް ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މާތްﷲގެ ރަޙުމަތްފުޅާއެކު ސަރުކާރުން މިހާރު ވަނީ ސުކޫކް ދައްކާ ނިންމާފައި ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ގައި ވެރިކަމާއި ހަވާލުވެލެއްވި ފަހުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރެއްވުމަށް ދުރާލާ ރާއްވަވައިގެން ކުރެއްވި ވަރަށް މުހިއްމު އެހާމެ ކާމިޔާބު މަސައްކަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސުކޫކް ދައްކާ ނިމުނުއިރު ހަނގުރާމައިގެ ތެރޭގައި އޮތުމުން، އޭގެ ސަބަބުން އިޤްތިޞާދަށް ލިބެންޖެހޭ އެންމެ ބޮޑު މަންފާ މިވަގުތު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ސުކޫކް ދައްކާ ނިމުނުއިރު ހަނގުރާމައިގެ ތެރޭގައި އޮތީމަ އިޤްތިޞާދަށް ބެނެފިޓެއް ނުލިބޭ. އެކަމަކު ހަނގުރާމަ ނިމުނީމަ ރައީސް އެ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ފައިދާތައް ކުރާނެ،“މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސްގެ ލަފާފުޅާއެކު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދަނީ ހަމައެކަނި ފަންޑެޑް ދަތުރުތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށްވެސް ޚަރަދު ކުޑަކުރުމަށް މިހާރު ވަނީ އަންގާފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރުވެސް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.


