ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު“މޯލްޑިވްސް 2.0″ ގެ މަގުޗާޓިު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އަދި އައި.ސީ.ޓީ އެކޯސިސްޓަމް ތަަރައްޤީކޮށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި މަޝްވަރާ ބައްދަލުވުމަކީ މަގުޗާޓުގައި ހިމެނޭ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމާއި އީޖާދީ މަސައްކަތްތަކާ ގުޅޭ އަށްވަނަ ތަނބަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. މި މަޝްވަރާ ބައްދަުލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ”ކޯ-ކްރިއޭޓިންގް ޕިލަރ – 8 – ޕްރައިވެޓް ސެކްޓަރ ޑައިލޯގް“ މި ނަމުގައެވެ.
މި މަޝްވަރާ ބައްދަލުވުން އިންތިޒާމު ކުރެވެިގެންދަނީ މައިންޑްކޯ އާއި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ގުޅިގެން ބާއްވާ ހަރަކާތެއްގެ ގޮތުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުން ބައިވެރިވުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ފަރާތްތައް ބައިވެރިވާނެއެވެ.
މި ބައްދަލުވުން ވެގެންދާނީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޛުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހަޢުލެއްގައި ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ހަރަކާތަކަށެވެ. އަދި މަޝްވަރާތަކުގެ އަލީގައި ޕްރައިވެޓް ސެކްޓަރގެ ބައިެރިވުން އިތުރުކުރުމަށް މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މި ބައްދުލުވުން އެހީވެދޭނެއެވެ.
”މޯލްޑިވްސް 2.0″ އިން ކަނޑައަޅާފައިވާ ގައުމީ އިސްތިރާޖީ މިސްރާބާ އެެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއެކު، ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިިލަރެސްކުރެވިގެން ދިއުން މުހިއްމެވެ.
މޯލްޑިވްސް 2.0 ގެ އަށްވަނަ ތަނބު ބިނާވެފައިވަނީ ޑިޖިޓަލް އީޖާދުތަކާއި، ފަންނީ ވިޔަފާރިވެރިކަމާއި، ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގެ އެއްބާރުލުމާއި، އަމިއްލަ ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށްގެން އިގްތިސާދީ ދުވެލި ހަލުވިކުރުމުގެ މައްޗަށެވެ. މިއީ އެކި ސިނާއަތްތަކާއި އެކި ދާއިރާތަކަށް އަންނަ ޑިޖިޓަލް ބަދަލުތަކަށް އަމާޒުކުރާ ހަތްވަނަ ތަނބާއި، ރައްޔިތުންނަށް ލުއި ފަސޭހަ ޑިޖިޓަލް ޚިދުމަތްތަކަށް އަމާޒުކުރާ ހަވަނަ ތަނބާ ގުޅިލާމެހިފައިވާ މަސައްކަތެކެވެ.
މި މަޝްވަރާ ބައްދަލުވުމުގެ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.



