މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަށް ގިނަ ޝިޕްމަންޓްތަކެއް ޝެޑިއުލް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ތެލާއި ގޭސް ގެނެވޭނެކަން ޔަޤީންކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި ހަނގުރާމައަށް 45 ދުވަސް ވެގެންދިޔައިރު، މިހާތަނަށް އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ތެލުގެ ޝިޕްމަންޓްތައް ލިބޭނެ ތާރީޚުތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޑީސަލްގެ ޝިޕްމަންޓްތައް އޭޕްރިލް މަހުގެ 12، 18، 26 އަދި މޭ މަހުގެ 7 އާއި 15 ވަނަ ދުވަހު ލިބޭނެ ކަމަށެވެ. އަދި ޕެޓްރޯލްގެ ޝިޕްމަންޓްތައް އޭޕްރިލް 18، 27 އަދި މޭ 15، ޖޫން 2 އަދި ޖޫން 21 ގައި ލިބުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކައްކާ ގޭސް ނުވަތަ އެލް.ޕީ.ޖީ އަށް ބަލާއިރު، މި މަހުގެ 22 އަދި 23 ހިސާބުގައި އިތުރު ޝިޕްމަންޓްތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ އިންތިޒާމްތަކަކީވެސް ދުރާލާ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކުރިއަށްދާ ކަންކަމެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މިފަދަ ބާވަތްތައް ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.




