ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަޖެޓް އެއާލައިން ފްލައި ދުބާއީ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާގޯ ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.
ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެ ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ ”ކާގޯ އިން ކެބިން“ ދަތުރުތައް ކުރާނީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ.
އެ ދަތުރުތައް ފަށަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނީ އިއްޔެ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.
”ގޮންޖެހުން ބޮޑު މި ވަގުތުގައި ފްލައި ދުބާއީގެ މި އިސްނެގުން އަޅުގަނޑުމެން ޝުކުރުވެރިކަމާ އެކު ބަލައިގަންނަން،“ ފިރާގު ވިދާޅުވިއެވެ.
އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުން ފަދަ އެތައް ސަބަބަކާ ހެދި ވައިގެދަތުރުފަތުރަށް ބޮޑެތި ބުރޫތައް ވަނީ އަރައިފަ އެވެ. އެކަން އެހެން އޮތް އިރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ގިނަ އުފެއްދުންތަކަކީ ޔޫއޭއީ އިން ވައިގެ މަގުން ގެންނަ ބާވަތްތަކެވެ.
އެކަމަށް ހައްލެއް ހޯދަން އެއާލައިންތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވެސް އަންނަނީ ބުނަމުންނެވެ.


