ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ލޭގެ ޚިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ލިޔުމުން މިއަދު ފޮނުއްވި ޖަވާބުގައެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ، ލޭގެ ބަލިތަކަށް ޚާއްސަކުރެވިގެން، ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި އެހެނިހެން ސިއްހީ ބައެއް ބޭނުންތަކަށް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޅުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ހަމަޖައްސައި ލޭ އެޅުމަށް ބޭނުންވާ ލެބޯޓަރީ ޚިދުމަތްތައް 108 ރަށެއްގައި ޓްރާންސްފިއުޝަަން ސެންޓަރުގެ ގޮތުގައި ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު މީގެއިތުރުން ވިދާޅުވީ ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން ލޭ އެޅުމާއި ލޭ ހަދިޔާ ކުރުމުގެ ކަންކަން ހަމަޖެއްސުން މުހިންމު ކަމަށެވެ. އެހެންވެ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު ”ނޭޝަނަލް ބްލަޑް ސްޓޭންޑަޑް“ މިހާރު އެކުލަވާލައި ނިންމާލާފައިވާ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތަކީ ބައިނަލްއަގުވާމީ މާހިރުންނާއި ރާއްޖޭގެ ކަމާގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް ކަމަށާއި މި މަސައްކަތުގެ ދަށުން ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުން ފޯރުކޮށްދޭ ލޭގެ ޚިދުމަތުގެ މުހިންމު ތަފާސްހިސާބުތައް ފެންނާނެހެން ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަކަށް ފަރުމާކުރެވި، ލޭ ދޭ ފަރާތްތައް ގިންތި ކުރެވި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




