ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ބުނެދިނީ ބައެއް ކަންތައްތަކަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށާއި އެ ބަދަލު ގެނައުމުގެ ހިތްވަރު ސަރުކާރު ހިންގާ ޕީއެންސީގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެެ.
މެންބަރު ޝުޖާއު މިހެން ވިދާޅުވީ، ބިމާބެހޭ ގާނޫނަށް ބަދަލެއް ގެންނަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ނިންމި ނިންމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްޕުޅުހެޔޮކަމާއެކު ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި އެއާއެކު އެމަނިކުފާނުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން އިއުލާން ކުރައްވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
”މި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން އަޅުގަނޑުމެންނަށް،ޕީއެންސީ އަށް، ރައްޔިތުން ބުނެދިނީ ބައެއް ކަންކަމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް. އެ ބަދަލުތައް، ސާބިތުކަމާ އެކީ ގެނައުމުގެ ހިތްވަރު މި ޕާޓީގައި އެބަހުރި“ ޝުޖާއު ވިދާޅުވިއެވެ.
އިންތިހާބަށްފަހު އިދިކޮޅު އެމްޑީޕީގެ އެތެރޭގައި އުފެނުނު ނުތަނަވަސްކަމާ ގުޅުވައި ޝުޖާއު އެކަމަށް ވެސް ފާޑު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ތެރޭގައި އަމާޒެއް ނެތުމުން ވީގޮތް ކަމަށްް އޭނާ ސިފަކުރެއްވިއެވެ.




