ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ތުރުކީވިލާތުގެ އިސްތަންބޫލަށް ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލިސް ރައީސް އިސްތަންބުލަށް ފުރާވަޑައިގެންނެވީ އެތަނުގައި އޮންނަ، އިންޓަ-ޕާލިމެންޓް ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި އެސެމްބްލީއަކީ ހުރިހާ ގާނޫނީ އިދާރާތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ އެސެމްބްލީއެކެވެ. އޭގެ ތެރޭގައި ގަވަރުނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީތަކާއި މެދުއިރުމަތީގެ ސުވާލުތަކާ ބެހޭ ކޮމިޓީތަކުގެ އިތުރުން، ފޯރަމް އޮފް ވިމެން ޕާލިމެންޓޭރިއަންސް އާއި، ޒުވާން މެމްބަރުންގެ ފޯރަމް ވެސް ހިމެނެއެވެ.
އެގޮތުން އައިޕީޔޫގެ އާންމު ބަހުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ބޭނުންކޮށްގެން ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށެވެ. އަދި މަންދޫބުންނަށް ވިސްނުމާއި ހިޔާލު ބަދަލުކޮށް ބަރުލަމާނީ ފިޔަވަޅުތައް އެޅުމަށް ޕްލެޓް ފޯމެއް ވެސް މި އެސެމްބްލީގައި ފަހިކޮށްދެނެއެވެ.
އައިޕީޔޫގެ 152 ވަނަ އެސެމްބްލީ ކުރިއަށް ދާނީ މިއަދުން ފެށިގެން މިހިނގާ އޭޕްރިލް މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.




