ނިމިދިޔަ އިންތިހާބުގެ ނަޓީޖާއަށް ބަލާއިރު މިއީ ސަރުކާރަށް ލިބުނު ގެއްލުމެކޭ ބުނެވެން ނެތް ކަމަށާއި، އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާދެއްވަންބޖެހިވަޑައިގަންނަވާފަދަ ނަތީޖާއެއްވެސް ނޫންކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި މިހާރު ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން، ނިމިދިޔަ އިންތިހާބުން ސަރުކާރު ބަލިވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް މަހުލޫފް ވަނީ ރައްދު ދެއްވާފައެވެ.
ްއެގޮތުން މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ސާފު މެޖޯރިޓީ ސަރުކާރަށް ލިބިފައިނުވާކަމަށާއި، ހަމަ އެގޮތަށް މިފަހަރުގެ އިންތިހާބަށް ބެލިނަމަވެސް ޖުމްލަކޮށް ސަރުކާރަށް ލިބުނު ނަތީޖާއަކީ ގޯސް ނަތީޖާއެކޭ ބުނެވެން ނެތް ކަމަށެވެ.
މި ނަތީޖާ އޮޅުވާލަނީ ރިފަރެންޑަމުންކަން ފާހަގަކުރައްވައި މަހުލޫފް ވިދާޅުވީ، ރިފަރެންޑަމް ވޯޓަކީ ސަރުކާރަށް އޮތް ތާއީދުގެ މިންވަރު ހާމަކޮށްދިން އެއްޗެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށް އޮޅުވާލާފައިވާކަމަށެވެ.
ރިފަރެންޑަމް ފެންނަ ކަމަށް އަދި ނުފެންނަ ކަމަށް ފާސްވިޔަސް މިކަމުން ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަންނަވާނެ ފައިދާއެއް ނެތްކަން މީގެ ކުރިންވެސް ފާހަގަކުރައްވާފައިވާނެ ކަމަށާއި، މިކަމާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރެއްވުމުން މީގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނެސްދެއްވުންކަން ރައީސްވެސް ފާހަގަކުރެއްވިކަމަށް މަހުލޫފް ވިދާޅުވިއެވެ.
”އެއްވެސް ހާލެއްގައި އެއީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ޕީއެންސީއަށް އޭގެއިން ފައިދާ ވެދާނެ ގޮތަކަށް ކޮށްފައިހުރި ކަމެއް ނޫނެ. އެކަމު މުޅި ވޯޓުގެ ރިޒަލްޓު މި ބޭނުންކުރަނީ ސަރުކާރުގެ ޕޮޕިއުލާރިޓީއާ ގުޅުވާފައި. “ މަހުލޫފް ވިދާޅުވިއެވެ.
އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރުވެސް ޕީއެންސީއަށް 16 އަތޮޅުގެ މެޖޯރިޓީ ލިބިފައިވާއިރު މީގެ ތެރޭގައި މީގެ ކުރިން އެމްޑީޕީއިން ކާމިޔާބުކޮށްފައިވާ ރަށްތައް ހިމެނޭކަން މަހުލޫފް ފާހަގަކުރެއްވިއެވެ.


