ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދާތީ އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބިނާކުރާ 1،095 މީހުންގެ ޖާގައިގެ މިސްކިތުގެ 60 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
”އެކްސް“ ގައި އެ މިނިސްޓްރީން އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ޕްރޮޖެކްޓުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާ ނިސްބަތް ހަލުވިކަމާ އެކު މައްޗަށް ދަމުން އަންނައިރު، މިވަގުތު އެ ސަރަޙައްދުގައި އާންމުން ނަމާދުކުރުމަށްޓަކައި ދާއިމީ ގޮތެއްގައި ބިނާކޮށްފައިވާ ތިން މިސްކިތަކާއި، ވަގުތީ ދެ މިސްކިތެއް ދަނީ ބޭނުންކުރަމުންނެވެ.
މީގެ އިތުރުން، މިއަހަރުގެ ބަޖެޓުގެ ތެރެއިން އަތޮޅުތެރޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ތައްޔާރުވެފައެވެ. އަދި ހަމައެހެންމެ، މާލެ ސަރަޙައްދުގައި ހުރި ބާވެފައިވާ މިސްކިތްތައް ތަޅާލުމަށްފަހު، ޒަމާނީ ފެންވަރުގެ އާ މިސްކިތްތައް އިމާރާތްކުރުމުގެ ޚާއްސަ މަޝްރޫޢުތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ.



