މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީ، އައިއައިޔޫއެމްގެ އެކެޑެމިކް އެކްސެލެންސް އެވޯޑް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ދަރިފުޅު އަބްދުالله މާހިލް ޝަހީމްއަށް ލިބިއްޖެއެވެ.
ދަރިފުޅުގެ ކާމިޔާބީއާ ގުޅިގެން މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާހިލް ހާސިލް ކުރީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ކަމަށެވެ.
މާހިލް ކިޔެވި ފެކަލްޓީން، އެކަޑެމިކް އެކްސެލެންސް އެވޯޑު ހާސިލް ކޮށްފައިވާއިރު، އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް ނޮމިނޭޓް ވެފައިވާ ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މާހިލް ހޯއްދެވި ނަތީޖާއަކީ އޭނާގެ އާއިލާއަށާއި ގައުމަށް ފަހުރުވެރިވާ ކާމިޔާބީއެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އައިޔޫއެމްގެ އެކްސެލެންސް އެވޯޑަކީ ހުނަރާއި ހިތްވަރާ އެކު، ދަރިވަރުން ހޯދާ އިލްމީ މަތީދަރަޖައިގެ ނަތީޖާއިން ރީތި ނަމާއި ޝަރަފު ޔުނިވާސިޓީ އަށް ހޯދައިދީ، އެ ދަރިވަރުންގެ އިސްނެގުމުގެ ކުޅަދާނަކަމާއި ޔުނިވާސިޓީގެ ތަފާތު ހަރަކާތްތަކާއި އިލްމީ ޕްރޮގްރާމުތަކުގައި މަތީ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ބައިވެރިވާ ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.



