އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކޭކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނީ އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.
އެލްޖީއޭއިން ބުނީ ރަށު ކައުންސިލުތަކާއި ސިޓީކައުންސިލުތަކުން ފޯރުކޮށް ދޭންޖެހޭނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައި އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ އެއޮތޯރިޓީގެ މައްޗަށް ލާޒިމުކުރާކަމެއްކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ހިދުމަތްތަށް ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީވެސް އެ އޮތޯރިޓީއަށްކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި އަތޮޅު ކައުންސިލުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލާތްތަށް ބަދަލުވެގެން ދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީއަށްކަންވެސް އެލްޖީއޭގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަތޮޅު ކައުންސިލުތައް އުވާލާ އިދާރީ ދާއިރާތަކުގައި ލޯކަލް ގަވާމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.



