ބޮޑުހިލައާއި އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ގެންނަނީ މެދުއިރުމަތިންކަމަށާއި، ހަނގުރާމައިގެ ސަބަބުން ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްޠަލިބް އިއްޔެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ދިން ފުރުސަތުގައި، މެންބަރުން ވަނީ އަތޮޅުތަކުގައި ބައެއް މަޝްރޫޢުތައް މަޑުޖެހެމުންދާކަން ފާހަގަކޮށްފައެވެ.
އެގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ސުވާލުކުރެއްވީ އެ ދާއިރާގެ ފޮއްދުއަށް ބޮޑުހިލަ ނުލިބިގެން ފޮއްދޫގެ ބަނދަތުގެ މަސައްކަތް ލަސްވާ މައްސަލައާއި ވެލިދޫގެ ބަނދަރާއި ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުމެވެ.
އެ ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުން ރާއްޖެ އެތެރެކުރާ މުދާ ލިބުމުގައި ދަތިތައް ކުރިމަތިވާކަމަށެވެ. އެގޮތުން ބޮޑު ހިލައާއި އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ޢާއްމު ބާވަތްތަކަކީ އެ ސަރަޙައްދުން އެތެރެކުރާ ބާވަތްތައްކަން ފާހަގަކުރެއްވިއެވެ.
”އާއްމުކޮށް ބޮޑު ހިލަ ގެންނަނީ ޔޫއޭއިން، މެދުއިރުމަތިން. ޔޫއޭއީއިން ހިލަގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވަނީ. މަސައްކަތް މިކުރަނީ އިންޑިއާއިން ނަމަވެސް ހިލަ ގެނެސްގެން މަސައްކަތް އަވަސްކުރުމަށް. ފޮއްދޫ ބަނދަރުގައިވެސް ބޮޑު ހިލަ ލިބުމުގައި ދަތިތައް ވަނީ ދިމާވެފައި.“ ހައުސިންގް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.




