މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި، އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ސަރުކާރު ހިންގާ ޕީއެންސީއަށް، ކުރީގެ ޔޫތު މިނިސްޓަރު އަދި މި ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފު މަރުހަބާ ކިޔުއްވައިފިއެވެ.
”އެކްސް“ މެދުވެރިކޮށް ރޭގައި މަހުލޫފު ވަނީ މި ލިބުނު ކާމިޔާބީއަށްޓަަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި ޕީއެންސީގެ މެންބަރުންނަށް އަދި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިން ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.
ދާއިމީ ނަތީޖާ ދައްކާގޮތުން އެ އިންތިހާބުގައި ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑިއެވެ. އެހެންކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީވަނީ ވެފައެވެ.
މީގެއިތުރުން:
° އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށަފަ
° އެމްޑީއޭއިން 23 ގޮނޑި ކާމިޔާބުކުރި
° އަދާލަތު ޕާޓީއިން 6 ގޮނޑި ކާމިޔާބުކުރި
° ޖުމްހޫރީ ޕާޓީއިން 4 ގޮނޑި ކާމިޔާބުކުރި
° ޑިމޮކްރެޓްސް އިން ވެސް 2 ގޮނޑި ކާމިޔާބުކުރި




