އުމްރާގެ އަޅުކަމަށް ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައުދީ އަރަބިއާގެ މައްކާއަށް ދަތުރެއް ބާއްވަން ނިންމައިފިއެވެ.
މިހާތަނަށް އުމްރާގެ އަޅުކަމަށް ރާއްޖެ އިން މީހުން ފުރަނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވާއިރު ސީދާ އައްޑޫ ގަމުން ސައުދީއަށް ދަތުރެއް އެޅުމަކީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ކުރެވޭ ކަމެކެވެ.
އެގޮތުން އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ”ޓްރެވެލާ“ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާއަށް ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އޭގެ ސަބަބުން ދަތުރުގެ މަގު ކުރުވެފައިވާ ކަމަށާއި އަދި މައްކާ އާއި މަދީނާއަށް ދާން އޮތް މަގު ކައިރިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
އެ ދަތުރުގެ ބުކިން އަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދަ ޓްރެވެލާގެ އެދުމުގެ މަތިން މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 ބޯޓުން އަންނަ ޖުލައި މަހު އުމްރާ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓުން އެއްފަހަރާ 264 އުފުލޭނެ އެވެ.




