ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުޅުއްވަނީ އިދިކޮޅު އެމްޑީޕީ ވެރިކަމަށް ގެނެސް، މާފުއްޓަށް ވަޑައިގަންނަވާ ހިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫގެ ޕީއެންސީ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް، އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތްނަމަ ރައީސް ޔާމީން އަދިވެސް އޮންނަވާނީ މާފުށީ ޖަލުގައި ކަމަށާއި ރައީސް ޔާމީން މާފުށީ ޖަލުން ނެރެގެން ގެއަށް ގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯގާތެރިކަމުގެ ސަބަބުން ކަމަށް ފަލާހް ވިދާޅުވިއެވެ.
”އަޅުގަނޑަށް ވަރަށް ހީވޭ އިނގޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީހެން. ތިޔަ ބޭފުޅުންނަށް ހީވޭތޯ އަނބިކަނބަލުން ކައިރީ އިންނަވާ ހިތް ނުވަނީހެން؟“ މެންބަރު ފަލާހް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ބޭނުންފުޅުވެ ލައްވާނަމަ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަދަލެއް ގެނެވޭނެ ސުޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮންނާނެ ކަމަށާއި އެހެން ނަމަވެސް ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ފައިދާއާއި ލާބައަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ.
ރައީސްއަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫންކަން ރައްޔިތުންނަށް މީހާރު ޔަޤީންވާނެ ކަމަށާއި ޖުޑިޝަރީ ވެސް މި ސަރުކާރުގައި އޮންނާނީ މިނިވަން ތަނެއްގެ ގޮތުގައިކަން މެންބަރު ފަލާހު ފާހަގަ ކުރެއްވިއެވެ.



