ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޒިންމާދާރު ވެރިން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، މިހާރު ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓާ ޕާލަމެންޓަރީ ޔޫނިއަން އައިޕީޔޫގެ 152ވަނަ އެސެމްބްލީގައި ދެއްވި ތަގުރީރުގައެވެ. އައިޕީޔޫގެ މި އަހަރުގެ އެސެމްބްލީގެ މައުޟޫޢުއަކީ ”އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަމަސަލަސްކަން ޤާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން“ މެވެ.
އެ މައުޟޫޢަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ތަގުރީރުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި، ރައްޔިތުންގެ އުންމީދުތަކުން ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޞުލްޙައާއި، މަޝްވަރާއާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.



